އަށް ޤައުމެއްގެ އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ޤައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ނަމީބިއާ، ޑޮމިނިކަން ރިޕަބްލިކް، ކިއުބާ، ފިޖީ، ކޮސޯވޯ، ސޯމާލިއާ، ސްލޮވީނިއާ އަދި ޤަޠަރުގެ ސަފީރުންނެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުންނެވެ.

ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ރަސްމީ އިއްޒަތުގައި ހެވިކަމުގެ ލަޝްކަރާއެކުގައެވެ. ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެފަރާތަށް ފައިދާހުރި މުހިއްމު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މިއަދު ފަތްކޮޅު އެރުއްވި ސަފީރުންގެ ތެރޭގައި ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ އެލެކްސް އެލް. ޓުކުހުޕްވެލޭ އާއި، ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް، ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، ފީޖީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ހައި ކޮމިޝަނަރ، ހިޒް އެކްސެލަންސީ ޖަގަންނާތު ސާމީ، ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ،ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ، ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ތޮމާޝް މެންސިން، އަދި ޤަޠަރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ ހިމެނިވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ