ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި ރުއްތަކަށް ދިމާވެފައިވާ ހުދުކޫޑީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރުއްތަކަށް ބޭސް ޖެހުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން ފަށައިފިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ. މި މަޝްރޫއުގެ ދަށުން ބޭނުންކުރަނީ 'ޔޭޖިއާޗިންގް' (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ނަމަކަށް ކިޔާ ޕެސްޓިސައިޑެކެވެ. މި ބޭސް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލް ކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ކާމިޔާބު ތަޖުރިބާތަކެއް ކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ބޭސް ޖެހުމުގެ މަސައްކަތް ފަށާފައިވަނީ ހއ. ބާރަށުގައެވެ. މިނިސްޓްރީން ބުނީ ރަށްރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބަލައި، ކައުންސިލްތަކަށް ބޭސް ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ބޭހާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ކަމަށާއި، އެހެން އަތޮޅުތަކުން ބޭހާ ހަވާލުވާނީ މާލެއިން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން އެހީތެރިކަމަށް އެދިފައިވާ ލ. ކަލައިދޫ، ގދ. ފިޔޯރީ އަދި އައްޑޫ ސިޓީ މީދޫ ފަދަ ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި އަތޮޅުތަކުން ލިބެމުންދާ ޝަކުވާތަކަށް ބަލައި، އިތުރު ރަށްތަކަށް ވެސް މި ބޭސް ފޯރުކޮށްދިނުމަށް ސިޓީ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.