ދިވެހިރާއްޖެއަކީ "ޑިޖިޓަލް ފަސްޓް" ނުވަތަ ޑިޖިޓަލް ވަސީލަތްތަކަށް އިސްކަންދޭ ޤައުމަކަށް ބަދަލުކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" މަގުޗާޓުގެ މުހިންމު އަމާޒެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ސަބަބުން އެމީހަކަށް ލިބެންޖެހޭ ފުރުޞަތުތައް ހަނިނުވާނެ ފަދަ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަށް ރައްޔިތުން އަހުލުވެރިކުރުވައި، އިތުބާރާއެކު އެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުމަކީ މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ބޮޑު ޙަރަކާތެކެވެ. މި މަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.މިއީ ހަމައެކަނި ކެމްޕޭނެއް ނޫން ކަމަށާއި، މިއީ ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމުގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ވިޔަފާރިތަކަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން އިޙްސާން ވިދާޅުވީ، މިއަދު ކޮންމެ ދާއިރާއެއްވެސް ޑިޖިޓަލްވަމުންދާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް އިޤްތިސާދަކަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކޮށް، ހުނަރުވެރި އަދި އުފެއްދުންތެރި ރައްޔިތުންތަކެއް އުފެއްދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކެމްޕޭނާއެކު ރާއްޖޭގެ ޑިޖިޓަލް އުމްރާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މަގު ފަހިވެގެންދާނެއެވެ.