ޚިދުމަތުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކުރުމަށް 'ޕޮލިސް މެމޯރިއަލް ޑޭ' ފާހަގަކޮށްފި

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ 'ޕޮލިސް މެމޯރިއަލް ޑޭ' ގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި މިފަދަ ހަނދާންތައް އާކުރުމަށް ޚާއްޞަކޮށްފައިވާ ދުވަހެވެ.

މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފުލުހުން އަންނަނީ މި ދުވަސް ރަސްމީކޮށް ފާހަގަކުރަމުންނެވެ.

މިއަހަރުގެ މެމޯރިއަލް ޑޭގެ ހަރަކާތްތައް ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކު ވަނީ ފަށާފައެވެ. މިއަދު ހެނދުނު 06:00 ގައި ބޭއްވި މައި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީ އިޙްސާން ޢަލީއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، އެ ފަރާތްތަކަށް ހެޔޮ ދުއާ ކުރުން އޮތެވެ. އަދި ފުލުހުންގެ މެމޯރިއަލް ވޯލްގައި ޝަރަފުގެ ގާޑެއް މައުންޓްކޮށް، މިރޭގެ މެންދަމާ ހަމައަށް ފޯރިމެރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ފުލުހުންގެ މެމޯރިއަލް ވޯލްގައި މިހާތަނަށް ޝަހީދުންގެ ގޮތުގައި ފަސް ފުލުހެއްގެ ނަން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މިއަދު ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޢާސިފް ހިމެނެއެވެ. އޭނާ ނިޔާވީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި 'ޕޮލިސް ލޯންޗު 57' ގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިމާވި ހާދިސާއެއްގައެވެ. މިއީ އޭނާގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ