އެމެރިކާއާއި ސައުދީން މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް  އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. ފޮޓޯ: ގެޓީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. ފޮޓޯ: ގެޓީ

އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު މަދަނީ ނިއުކްލިއާ ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާކަން އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކުންފުނިތަކުން ސައުދީއަށް ނިއުކްލިއާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، މިއީ 1954 ވަނަ އަހަރުގެ އެޓޮމިކް އެނާޖީ އެކްޓްގެ 123 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބައިލޭޓަރަލް ސޭފްގާޑްސް އެގްރީމަންޓެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ބަދަހިވެ، ސަރަހައްދީ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އެމެރިކާގެ ހަކަތައާ ބެހޭ ސެކްރެޓަރީ ކްރިސް ރައިޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ނިއުކްލިއާ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އެތެރޭގައި ޔޫރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުގެ ބަޔާނުގައި އެކަމާ ބެހޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ދިހަވަރަކަށް އަހަރަށް ދެމިގެންދާނެ މި ބިލިއަން ޑޮލަރުގެ ޕާޓްނަޝިޕް ތަންފީޒު ކުރުމުގެ ކުރިން، އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅައިގެން މުރާޖައާ ކުރަން ޖެހޭނެއެވެ. މި އެއްބަސްވުން އިއުލާނުކޮށްފައި މިވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެ ގައުމުގައި އާ ވަޒީފާތައް އުފެދި، ސައުދީއާއެކު އޮތް ސްޓްރެޓެޖިކް ޕާޓްނަޝިޕް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ