އިތުރު 8 ޤައުމެއްގެ ސަފީރުން ރައީސް މުޢިއްޒުއަށް ފަތްކޮޅު އަރުވައިފި

ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވަން ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވަން ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ޤައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ފަތްކޮޅު އެރުވި ސަފީރުންގެ ތެރޭގައި ޕޯޗުގަލް، ބޫޓާން، ކެނެޑާ، އޮސްޓްރިއާ، ބުރުކީނާ ފާސޯ، ގާނާ، ތުރުކުމަނިސްތާނު އަދި ލާއޮސްގެ ސަފީރުން ހިމެނެއެވެ. މި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ޕޯޗުގަލްގެ ސަފީރާއެކު މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއިރު، ކެނެޑާގެ ހައިކޮމިޝަނަރާއެކު ސީޕްލޭންގެ ދާއިރާއާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، އޮސްޓްރިއާގެ ސަފީރާއެކު މަސްވެރިކަމާއި ޑިޕްލޮމެޓިކް ތަމްރީނުތަކުގެ ދާއިރާއިން މަޝްވަރާކުރެއްވިއިރު، ގާނާ އަދި ތުރުކުމަނިސްތާނުގެ ސަފީރުންނާއެކު ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. ބޫޓާން، ބުރުކީނާ ފާސޯ އަދި ލާއޮސްގެ ސަފީރުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަދު ފަތްކޮޅު އެރުއްވި ސަފީރުންގެ ތެރޭގައި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ވިތާޔާ ޒަޔާވޮންގ، ތުރުކުމަނިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޝަލާރް ގެލްޑެނަޒަރޮވް، ރިޕަބްލިކް އޮފް ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ، ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ރޮބަރޓް ޓްސީގް، ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހަރ އެކްސަލަންސީ އިޒަބެލް މެރީ ކެތެރިން މަރޓިން، ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ، އަދި ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލަންސީ، ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ ހިމެނިވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ