މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުމުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަގޮތެއްގައި، މިޞްރު ސަރުކާރުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެއްވާ ސްކޮލަރޝިޕްތަކާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިޞްރުގެ ފަންނީ ބޭފުޅުން ކުރައްވަމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ދެ ފަރާތުންވެސް ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަޤާފީ ދާއިރާއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.