އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި

އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން
އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި މަހު އުމްރާއަށް ފުރި މީހުންނަށް ޚިދުމަތްތައް އަވަސްކޮށްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަން، މި މަހުގެ އެންމެ ފަހު އުމްރާ ގްރޫޕް މިއަދު ފުރުމާ ގުޅިގެން ނިންމާލައިފިއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހިނގާ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން 5,565 އަށްވުރެ ގިނަ އުމްރާވެރިން ވަނީ ފުރާފައެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ އެއަރޕޯޓަށް ބާރުބޮޑުވާ ވަގުތުތަކުގައިވެސް އުމްރާވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި މަސައްކަތުގައި އެ ކުންފުނީގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ބޮޑެތި ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން އެއަރޕޯޓުގައި ހޭދަވާ ވަގުތު ކުޑަވެ، ކިއުތައް ކުޑަކުރެވުނުކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

އެއަރޕޯޓުގެ ޓާމިނަލް ތެރޭގައި އުމްރާވެރިންނަށް ޚާއްޞަ ދޮރަކާއި، ވަކި ކައުންޓަރުތަކެއްގެ އިތުރުން ސެކިއުރިޓީ ސްކްރީން ކުރުމަށް ވަކި އެކްސް-ރޭ މެޝިންތަކެއްވެސް ވަނީ ބޭނުންކޮށްފައެވެ. ހަމައެއާއެކު، އެއަރޕޯޓުގެ ބޭރު ސަރަޙައްދުގައި ޓެކްސީ ކިއުތަކާއި އުޅަނދުފަހަރުގެ ދަތުރުފަތުރު ތަރުތީބުކުރުމުގެ މަސައްކަތްވެސް ވަނީ ވަރަށް އަމާންކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވެދިން އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކުގެ އިތުރުން ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ