ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ދިވެހި ރުއް އިންދަން ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް
ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ދިވެހި ރުއް އިންދަން ފަށައިފި. ފޮޓޯ؛ އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގުގެ ދުވާރުގައި ދިވެހި ރުއް އިންދައި މަގު ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މާލޭގެ ބޭރުމަގުގެ ފެހިކަން އިތުރުކޮށް، ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން ކުރިއަށްދާ ކަމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހި ރުއް ދިރުވާ އާލާކުރުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކާނިވާ ސަރަހައްދުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މިހާރު ވަނީ ތާރުއަޅައި 4 ލޭނަށް މަގު ފުޅާކޮށްފައެވެ. މީގެ އިތުރުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް ވެސް މަގުގެ ބައެއް ސަރަހައްދުތައް ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މިހާރު ކުރިއަށްދަނީ ކޭބަލް ވަޅުލުމާއި މަގުމަތީގެ ނިޝާންތައް ކުރެހުން ފަދަ ފިނިޝިންގ މަސައްކަތްތަކެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަގު ރަސްމީކޮށް އާންމުންނަށް ހުޅުވާލާނެއެވެ. އަދި މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ފުރަތަމަ ފިޔަވަހީގެ ހުރިހާ އަމަލީ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖުމްލަ 144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ތަރައްގީކުރާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ