ގުނަވަން ބަދަލުކުރުމާ ބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ބަދަލުކުރުމުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައަޅާ "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ގާނޫނަކީ އިންސާނުންގެ ގުނަވަންތައް ހަދިޔާކުރުމާއި، އެ ތަކެތި ބަދަލުކުރުމުގެ އުސޫލުތަކާއި، އެ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ގާނޫނެކެވެ. މީގެ އިތުރުން، ގާނޫނާ ހިލާފަށް ގުނަވަން ބަދަލުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވޭނެ އަދަބުތަކާއި، އެފަދަ ކަންކަމާ ގުޅޭ ކުށްތައް ވެސް މި ގާނޫނުގައި ވަނީ ތަފްސީލުކޮށްފައެވެ.

މި ގާނޫނުގެ ދަށުން ދެ މުއައްސަސާއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގައުމީ ފެންވަރުގައި ގުނަވަން ބަދަލުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އާއި، ވަކިވަކި ޓްރާންސްޕްލާންޓް ކޭސްތައް ދިރާސާކޮށް ހުއްދަ ދޭ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެވެ.

މި ބިލަކީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް، ބައެއް ކަންކަން އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުއްވާލެއްވުމުން، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ގާނޫނާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ