އިސްރަށްވެހިންނަށް ހާއްސަ އިސްކަމެއް ދީގެން ޕާސްޕޯޓުގެ ހިދުމަތަށް ބަދަލުތަކެއް ގެނެސްފި

754498193_1458450416318409_283787299691079340_n

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން ހިދުމަތަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.

މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް، އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމެވެ. ހާއްސަގޮތެއްގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އެހީތެރިކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މައުލޫމާތާއި އިރުޝާދު ދިނުމަށްޓަކައި "އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފައެވެ. މިއީ ހިދުމަތް ހޯދާ ފަރާތްތަކަށް ހިތްގައިމު މާހައުލެއްގައި މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙް ވިދާޅުވީ، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބެން ހުރި ނަމަވެސް، އިމިގްރޭޝަންގެ އަމާޒަކީ އެއްވެސް ތަކުލީފެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ގެނެވުނު ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ