މޯލްޑިވްސް އިމިގްރޭޝަންގެ ތާރީޚު ދައްކުވައިދޭ "ވޯކް އޮފް ލެގަސީ" އިފުތިތާހުކޮށްފި

އިމިގްރޭޝަން ވޯކް އޮފް ލެގަސީ އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ އިމިގްރޭޝަން
އިމިގްރޭޝަން ވޯކް އޮފް ލެގަސީ އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚާއި، އެ މުއައްސަސާއިން ވޭތުވެދިޔަ ހަތް ދަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "އިމިގްރޭޝަން ވޯކް އޮފް ލެގަސީ" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

މި ތަން އިފުތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އެވެ.

ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގައި ގާއިމުކުރި މި މައުރަޒަކީ 1950 ވަނަ އަހަރު އެ މުއައްސަސާ އުފެދުނީއްސުރެ މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތައް ފެންނާނެހެން ތަރައްގީކޮށްފައިވާ ދާއިމީ ތަނެކެވެ. މިތަނުގައި 1950 އިން ފެށިގެން 2020 ގެ އަހަރުތަކާ ހަމައަށް އިމިގްރޭޝަންގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، "ފްރޮމް ދަ އާކައިވް" ގެ ނަމުގައި ހާއްސަ ކުރެވިފައިވާ ބައިގައި، ކުރީގެ ފޮޓޯތަކާއި ހިދުމަތްތެރި އޮފިސަރުންގެ ހަނދާންތައް ވަނީ ރައްކާތެރިކުރެވިފައެވެ.

މި މައުރަޒުގައި އިމިގްރޭޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަމަށްވާ ޕާސްޕޯޓް ހިދުމަތާއި، ބޯޑަރު ބެލެހެއްޓުމާއި، ވިސާގެ ހިދުމަތްތަކަށް އައިސްފައިވާ ބަދަލުތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާވެފައިވާ މިންވަރު އަންގައިދޭ ޗާޓުތަކާއި، މުއައްސަސާގެ ބޮޑެތި ކާމިޔާބީތައް ފާހަގަކުރާ "އެޗީވްމަންޓް ގެލެރީ" ވެސް މިތަނުގައި ހިމެނެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަށް ވެސް މި މައުރަޒުގައި އަލިއަޅުވާލާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙް ވިދާޅުވީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މުއައްސަސާގެ ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. މި ހަފުލާގައި އިމިގްރޭޝަނަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނާއި، 28 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި ދެމިތިއްބެވި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ