ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް، ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ރީނދޫ އެލާޓް ނެރެފައިވާ ގަޑިތަކުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވުން އެކަށީގެންވާ ކަމަށެވެ.
މިއަދު ހެނދުނު 10:30 ން މެންދުރު 12:30 އަށް، ރީނދޫ އެލާޓް ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނީ، ރީނދޫ އެލާޓް ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދަށް ބާރަށް ގުގުރުމާއިއެކު، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އާންމު ވައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ޖެހުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މޫސުމް ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި، ހުޅަނގު ދެކުނުން ގަޑިއަކު 08 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުަތަކަށް ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 13 މޭލާއި، 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ޚާއްސަކޮށް މަސްވެރިން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.