މާލޭގެ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރި ސަރަހައްދު އާންމު ދަތުރުފަތުރަށް މިއަދު ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މަގުގެ މި ބައި ހުޅުވާލުމާއެކު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މަގުގެ ތަރުތީބު ހިފެހެއްޓުމުގެ ގޮތުން މި ސަރަހައްދުގައި އުޅަނދުތައް ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އޭގެ ބަދަލުގައި ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް މިހާރު ވަނީ ގާއިމުކޮށްފައެވެ.
މަގު ޒީނަތްތެރިކުރުމުގެ ގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭގެ އުތުރު ބަނދަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް މިހާރު ވަނީ އިންދާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިކަމުގެ ސަބަބުން މަގުގެ ފެހިކަން އިތުރުވެ، ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާވެގެންދާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މަގުގެ ބޮޑުބައި ނިމި އާންމުންނަށް ހުޅުވާލި ނަމަވެސް، އަދިވެސް ބައެއް ކުދި މަސައްކަތްތައް ދަނީ ކުރިއަށެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށްޓަކައި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.