ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެކި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ ވަޑައިގެންފިއެވެ.
ޕްރިންސް މަންޞޫރު ރާއްޖެ ވަޑައިގެންނެވީ ޖުލައި މަހުގެ 24 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތަކަށް، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީގެ ވަފުދަށް މަރުހަބާ ދެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރުއެވެ. އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފް އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އާއި އެހެނިހެން ހަރަކާތްތަކުގައި ސައޫދީގެ މި މަތީ ފަންތީގެ ވަފުދުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމުގެ އުފަލުގައި އިސްލާމީ އުއްމަތުގެ އެންމެ މުހިންމު އެއް ގައުމުން ބައިވެރިވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.