މި ހިނގާ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން އެކުލަވައިލި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ، މިހާތަނަށް ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ކަންތައްތަކާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 438.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މުޅި މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކުރި 373.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 17.45 އިންސައްތަ އިތުރު އަދަދެކެވެ.
ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ހިލޭ އެހީ ލިބުނު މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖުލައި 16 އާ ހަމައަށް ލިބިފައިވަނީ 190.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ 130.34 އިންސައްތަ އިތުރުވެފައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބޮޑެތި އަދަދުތައް ޖެހި ނަމަވެސް، އެ ފައިސާ ނުލިބުމުގެ ސަބަބުން ބަޖެޓު ޑެފިސިޓްވެ، ދަރަނި އިތުރުވުމުގެ މައްސަލަތައް ކުރިމަތިވެފައިވެއެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީ ހިމަނާފައިވަނީ މާލީ އިދާރާތަކުގެ ލަފާގެ މަތިން، ހަގީގަތުގައި ލިބޭނެ ކަމަށް ބެލެވޭ މިންވަރަށް ރިއާޔަތްކޮށްގެންނެވެ.
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހިލޭ އެހީއާއެކު 22.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 21 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.6 އިންސައްތައިގެ ކުރިއެރުމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ހިލޭ އެހީ އިތުރުވުމަކީ ބޭރުގެ ގައުމުތަކާއެކު އޮތް ހާރިޖީ ގުޅުންތައް ވަރުގަދަވެ، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި ލިބުނު ކާމިޔާބީއެކެވެ.