ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގިނަ ރަށްރަށުގައި ޒުވާނުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެއްވެސް ރަށެއް އިސްތިސްނާނުކޮށް ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރުތައް ބިނާކުރުމަށް ނިންމެވީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ތަފުސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ބައެއް ރަށްރަށުގައި މިފަދަ މަރުކަޒުތައް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. ރައީސްގެ އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއަށް ދާއިރު ގިނަ ރަށްތަކެއްގެ މަސައްކަތް ނިންމައި، ނޮވެންބަރު މަހާ ހަމައަށް ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމުކޮށް ނިންމުމެވެ.

ފިޓްނަސް ސެންޓަރުތަކުގެ އިތުރުން، މާލޭގެ ސޯޝަލް ސެންޓަރުގެ މޮޑެލްއަށް ބޮޑެތި ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 15 ރަށެއްގައި މިފަދަ ކޮމްޕްލެކްސްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، މި ދައުރުގެ ތެރޭގައި ޖުމްލަ 25 ރަށެއްގައި މިފަދަ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި ތަންތަނަކީ އެތެރޭގައި ކުޅޭ ހުރިހާ ކުޅިވަރެއް ކުޅެވޭނެހެން، އަދި ގާތްގަނޑަކަށް 1،000 މީހުންގެ ޖާގާއާއެކު ފަރުމާކުރެވޭ ތަންތަނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ