މާލޭގައި މިހާރު ގާއިމުކޮށްފައިވާ "ޔޫތު ހަބު" ފަދަ މަރުކަޒުތައް ހުޅުމާލެއާއި ރާއްޖޭގެ އެހެން ސިޓީތަކުގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން މާލޭގައި ހުޅުވި ޔޫތު ހަބަކީ "ތާޑް ސްޕޭސް" ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މިއީ ޒުވާނުން ގޭގައާއި ކިޔަވާ ނުވަތަ މަސައްކަތްކުރާ މާހައުލުން ބޭރުގައި، ބޭނުންތެރި ވަގުތުތަކެއް ހޭދަކުރުމަށް ފަރުމާކޮށްފައިވާ މަރުކަޒެކެވެ. މާލޭގެ ޔޫތު ހަބުގައި ޒަމާނީ ޖިމަކާއި، މިއުޒިކް ސްޓޫޑިއޯއެއްގެ އިތުރުން ދަރިވަރުންނަށް ފިލާވަޅު ދަސްކުރުމަށް ހާއްސަ ޖާގަތައް ވަނީ ގާއިމުކޮށްފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލޭގައި ގާއިމުކުރި މި މަރުކަޒަކީ ފެށުމެކެވެ. މިހާރުވެސް ރާއްޖޭގެ އެކި ސިޓީތަކުގައި މިފަދަ ހަބުތައް ގާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށް، ފައިސާ ހަމަޖައްސައި، އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ އާބާދީ ބޮޑުވުމާއެކު، ހުޅުމާލޭގައިވެސް މިފަދަ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މާލޭގައި ޔޫތު ހަބު ހިންގާ އިމާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި އެތަން ގަރާޖެއްގެ ގޮތުގައި ބޭނުންކުރަމުން ދަނިކޮށް، މި ސަރުކާރުން ވަނީ އެތަން އަލުން ޒުވާނުންގެ ބޭނުންތަކަށް ހާއްސަ މަރުކަޒަކަށް ބަދަލުކޮށްފައެވެ. މި މަރުކަޒަކީ މިހާރު އެކި އުމުރުފުރައިގެ ޒުވާނުންނާއި އާއިލާތަކުން ބޭނުންކުރާ، މުޖުތަމައަށް ފައިދާހުރި ތަނެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.