އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ކުރީގެ ސަރުކާރުގައި ތަރައްގީކުރި މި މަގުގެ ބޮޑު ބައެއްގައި ތާރުގަނޑު އުފުލި، އަޑިގުނޑަންތައް އުފެދުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެންމެ ބޮޑަށް ހަލާކުވެފައިވަނީ މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ސެގްމެންޓު 11 އަދި 12 އެވެ. މި ދެ ސެގްމެންޓަކީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް ނިންމައި ހުޅުވި ސަރަހައްދުތަކެވެ. ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރަހައްދުގެ ތާރުގަނޑު ކަނޑައިގެން ގޮސް، އުޅަނދުފަހަރަށް ގެއްލުންވާ މިންވަރަށް މަގު ވަނީ ހަލާކުވެފައެވެ. މީގެ ކުރިންވެސް އެ ސަރަހައްދު މަރާމާތު ކުރި ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ވަނީ ހަލާކުވެފައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެހެންނަމަވެސް، މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މަގުގެ ބޮޑު ބައެއް މިހާރު ވަނީ އަލުން ހަދަން ޖެހިފައެވެ.
މި މަރާމާތުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި، އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.