މާލޭ ރިންގް ރޯޑުގެ ބާކީ އޮތް ބައި ނޮވެމްބަރުގެ ނިޔަލަށް ނިންމާލަނީ

ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި ބޮޑުތަކުރުފާނު މަގުގެ ކުރެހުން
ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި ބޮޑުތަކުރުފާނު މަގުގެ ކުރެހުން

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ނުނިމި އޮތް ބައިގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކުރެހުންތަކާއި ވީޑިއޯއާއެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެއެވެ.

މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މީގެ ކުރީގެ ދެ ފިޔަވަހީގެ ބޮޑު ބައެއް މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން އެމްއެމްއޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އަދި ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ހަތަރު ލޭނަށް މަގު ފުޅާކޮށްފައެވެ. މި މަސައްކަތްތަކާއެކު މާލޭގެ ޓްރެފިކަށް މިހާރުވެސް ބޮޑު ލުޔެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތަށް 220.3 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މި މަސައްކަތުގެ ތެރެއިން 10,700 އަށްވުރެ ގިނަ އަކަމީޓަރުގެ ސަރަޙައްދެއް ފަޅުން ހިއްކައި، އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ