މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނު ސައޫދީގެ ޕްރިންސް މަންޞޫރު ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަޢޫދީގެ ޕްރިންސް ޑރ. މަންޞޫރު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަޢޫދީގެ ޕްރިންސް ޑރ. މަންޞޫރު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނު، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު އަދި ސްޓޭޓް މިނިސްޓަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ ޕްރިންސް މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރެއްވިކަމަށްޓަކައި ސަޢޫދީގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުފުޅަކީ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން، ރައީސް މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ޚާއްޞަކޮށް ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން އާ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޕްރިންސް މަންޞޫރުގެ ވާހަކަފުޅުގައި، ސަޢޫދީގެ އިސްވެރިން ރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޕްރިންސް މަންޞޫރު ރާއްޖެ ވަޑައިގަތުމުން ރޭގެ ވަގުތެއްގައި އެމަނިކުފާނަށް ވަނީ ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ބައްދަލުވުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ