ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޑޮކްޓަރ ޚަލީލުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާއި، ތަޢުލީމީ ދާއިރާއިން ފުރުޞަތުތައް އިތުރުކުރުމުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވާފައެވެ. ބަންގްލަދޭޝްއަކީ ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.