ކާބަފައިން ހޯދައިދިން މިނިވަންކަން ދެމެހެއްޓުމަކީ މިއަދު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތު: ރައީސް

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިއަދު ހެނދުނު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަމަށްޓަކައި ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ އަގު ވަޒަންކޮށް، އެ މިނިވަންކަން ދެމެހެއްޓުމަކީ މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު އަދި އެންމެ ބުރަ މަސްއޫލިއްޔަތު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކޮންމެ ކަމެއްގައިވެސް ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަކަމަށް ފަހުރުވެރިވުމާއި، މުޖުތަމައުގެ ބަދަހިކަން ދެމެހެއްޓުމަކީ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ސިފަތައް އަށަގެންނެވުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އަސާސް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މާޒީގައި މަސައްކަތްކުރި ބަތަލުންނަށް ހެޔޮދުއާ ކުރައްވަމުން، ރައީސް ވަނީ އެ ބަތަލުން ދެއްކެވި މަތިވެރި ނަމޫނާއިން ހިތްވަރު ލިބިގަނެ، ގައުމައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ހިންމަތާއި މިންނަތާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކާމިޔާބީއަކީ ހިންމަތްތެރިންނަށް ލިބޭނެ އެއްޗެއްކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށް ވިދާޅުވަމުންނެވެ. މިއީ ކޮންމެ ދިވެހި ދަރިއަކުވެސް ގައުމީ މަސައްކަތުގައި ސާބިތުވެ ތިބުމަށް ލިބިގެންދިޔަ ބާރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ