މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް، މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމުތައް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މިނިވަން ދުވަހާ ގުޅިގެން މިއަދާއި މާދަމާ ސަރުކާރު ބަންދު ނަމަވެސް، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބަންދު ދުވަސްތަކުގައި ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ވަގުތުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
އެގޮތުން، މާލެ އާއި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ހިދުމަތް ލިބޭނެއެވެ. ނަމަވެސް، ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ.
ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 'ކިއުބީ' އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށާއި، ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެން ވެސް ނަންބަރު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ސިއްހީ ކުއްލި ހާލަތްތަކުގައި ޕާސްޕޯޓުގެ ހިދުމަތް އަވަހަށް ހޯދަން ބޭނުންވާ ފަރާތްތަކަށް 9555333 އަށް ގުޅައިގެން ކުރިއަށް ދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.