ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުއްވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއިލާގެ ބޭފުޅުންނާއެކު
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުއްވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއިލާގެ ބޭފުޅުންނާއެކު. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ހަތަރު ބޭފުޅަކަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ ބޭފުޅުންނަށް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މިފަހަރު އެރުވި ހަތަރު ބޭފުޅުންނަކީ:

  • ޑރ. މުޙައްމަދު ލަތީފް (މއ. ކިނބި، މާލެ)
  • އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ، މާލެ)
  • ޙުސައިން ޢަފީފް (މއ. ޗަމްޕާވިލާ، މާލެ)
  • މުޙައްމަދު މޫސާ (މއ. ޗަމްޕާމާގެ، މާލެ)

ޑރ. މުޙައްމަދު ލަތީފަކީ ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންތައް އެކުލަވައިލުމުގެ މޭސްތިރިއެއްގެ އިތުރުން، ތަޢުލީމީ ވަޒީރުކަމާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ޢިލްމު ފެތުރުއްވުމާއި، ޢަރަބި ތަޢުލީމު ކުރިއެރުވުމުގައި 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ދީނީ ރޮނގުން 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޙުސައިން ޢަފީފާއި މުޙައްމަދު މޫސާ (އުއްޗު) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނަކީ މީގެ ކުރިން ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އަރުވާފައިވާ ބޭފުޅުންނެވެ.

ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތްތައް އަރުވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ޢިއްޒަތްތަކަކީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅުންގެ ޒިކުރާ އާކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އަރުވާ އެންމެ މަތީ ޝަރަފުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ