ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ. މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޒުވާނުންގެ މަރުކަޒުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި މި ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މީގެ ކުރިން މިފަދަ ޝަރަފެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ނިންމަވައި، އެ ބޭފުޅުންގެ މަސައްކަތުގެ ރެކޯޑުތައް ބަލައި ދިރާސާކޮށްފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މި އިނާމަށް ބޭފުޅުން ހޮވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބޭފުޅުންގެ މަޢުލޫމާތު ހޯއްދަވައި، ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީގެ ފަރާތުން އެ ބޭފުޅުންނާ ބައްދަލުކޮށް، ޝަރުޠު ފުރިހަމަވާކަން ވަނީ ކަށަވަރުކޮށްފައެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ޤައުމުގެ ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ޒިކުރާ އާކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ އާއިލާތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ޖަލްސާގައި، ޤައުމީ ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުންގެ ހިތްވަރު ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.