ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ކާފު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިރޭ 10:00 އިން ފެށިގެން މެންދަމުން އަލިވެ 2:00 އާ ހަމައަށް އެ ސަރަހައްދުގެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.
މިރޭ އުދައަރާނެ ކަމަށް ލަފާކޮށް ސަމާލު ނެރެފައިވާއިރު، މިއަދު މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. މާލޭގެ އިރުމަތީ ފަރާތް ކަމަށްވާ ރާޅުގަނޑު ސަރަހައްދަށް އުދައެރުމުގެ ސަބަބުން މަގުމައްޗަށް ގަލާއި ވެލި އަރައި، ދަތުރުފަތުރު ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މީގެ އިތުރުން، ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. މި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކަށް ވެސް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.
ކަނޑުގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ހާއްސަކޮށް މޫދު ކައިރީގައި ދިރިއުޅޭ ފަރާތްތަކުންނާއި ދަތުރުވެރިން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.