މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް މިއަދު ހަވީރު ލޯންޗެއް އުރި، އޭގައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަމުންދިޔަ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 20 މީހުންނާއެކު ދަތުރުކުރި މި ލޯންޗު ނެރުމައްޗަށް އެރި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:17 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް، މި ހާދިސާގައި ލޯންޗަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ލޯންޗު ނެރުމައްޗަށް އަރާފައިވަނީ މާލެއަށް އުދަ އަރަމުންދިޔަ ވަގުތު އޮއިވަރާއި ރާޅުގެ ސަބަބުން ކޮންޓްރޯލް ނުވެގެންނެވެ. މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ޕާކިން ސްލޮޓްތައް ހިމެނޭ ސަރަހައްދަށް ވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. ޚާއްސަކޮށް މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގައި ނިމޭއިރު، ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާނެތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.