މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މާލެއަށް އުދައެރުމުގެ ތެރެއިން
ރާޅުގަނޑު ސަރަޙައްދުގައި އުދައަރައި ވަރަށްބޮޑަށް ފެންބޮޑުވެފައި. ފޮޓޯ: ފަރުދުން

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމައަށް ނެރުނު މި ސަމާލުގައި ބުނެފައިވަނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު 6:00 އާ ހަމައަށް ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ވައިގެ ބާރުމިން އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ކަނޑުތައް އާންމުކޮށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީއަށް 46.5 މިލީމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ އިތުރުން، އިއްޔެ މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. ހާއްސަކޮށް އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަހައްދަށް އުދައިގެ އަސަރު ބޮޑަށް ކޮށްފައިވެއެވެ.

ސްކޫލް ބަންދު ނިމި، ގިނަ ބަޔަކު ދަތުރުފަތުރު ކުރާ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ދަތުރު ފެށުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ ރައްކާތެރިކަމަށްޓަކައި މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ