ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ހާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރު ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްތައް ވިލަރެސްކުރާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތް ބައްލަވާލައްވައި، އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އެހީގައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މީގެ އިތުރުން، މި މަރުކަޒަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ގާއިމްކުރުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ.
އައު އިމާރާތުގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކިޔަވައިދޭ ކުލާސްރޫމްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ހިމެނެއެވެ. މި ތަނަކީ ހަމައެކަނި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހާއްސަ ތަނެއް ނޫން ކަމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެކި ޕްރޮގްރާމްތައް ހިންގޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ރާއްޖޭގައި މި ހިދުމަތް އެންމެ ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް) ގެ ނަމުގައެވެ. ނަމަވެސް، 2012 ވަނަ އަހަރުން ފެށިގެން މި ހިދުމަތް ވަނީ އެމްއާރުސީސީގެ ނަމަށް ބަދަލުކޮށް، ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރަން ފަށާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި 3,713 ހާދިސާ ރިޕޯޓުކޮށް، 8,359 މީހުންގެ ފުރާނައާއި މުދާ ވަނީ ސަލާމަތްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ކޯސްޓުގާޑުގެ ގާބިލިއްޔަތުކަން ދެގުނަ އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެމްއެންޑީއެފް އެއާ ކޯ އުފައްދައި، ޔޫއޭވީގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ. އަދި ދާދިފަހުން އޮސްޓްރޭލިއާ އާއި ތުރުކީވިލާތުން ވަނީ ރާއްޖޭގެ އަސްކަރިއްޔާއަށް ބޭނުންވާ ޒަމާނީ މަނަވަރުތައް ވެސް ހަދިޔާކޮށްފައެވެ.