ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ކަނޑުއޮތްގިރީގައި ތަރައްގީކޮށްފައިވަނީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ޕްލާންޓެކެވެ. މި މަޝްރޫއަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް ފުޅާކޮށް، މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި އައިސް ޕްލާންޓަކާއި ހިކިމަސް ކާރުހާނާއެއް ވަނީ ގާއިމުކޮށްފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް 74 އައިސް ޕްލާންޓެއް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން 27 ޕްލާންޓެއް ބަލަހައްޓަމުންދަނީ ސީދާ މިފްކޯގެ ދަށުންނެވެ. މީގެ އިތުރުން، އިތުރު ނުވަ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ސައުދީ ފަންޑާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ނިންމާލުމެވެ. މި މަސައްކަތްތައް ނިމުމުން، މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް ކުރިމަތިވާ އައިސްގެ ދަތިކަން އެއްކޮށް ހައްލުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.