ގދ. ފަރެސްމާތޮޑާ ކައިރީގައި އޮތް ފަޅު ރަށަކުން ގަވާއިދާ ހިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު އެ ރަށު ކައުންސިލުން ހުއްޓުވައިފިއެވެ. މި ހާދިސާގައި ކައުންސިލުން ވަނީ އެ ފަރާތްތަކުން ނަގާފައިވާ ވެލި ބަސްތާތައް އަނބުރާ އެ ރަށުގެ ގޮނޑުދޮށަށް ހުސްކުރުވާފައެވެ.
ފަރެސްމާތޮޑާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އަމަލު ހިންގާފައިވަނީ އެ ރަށަށް ނިސްބަތްވާ ދޯންޏަކުންނެވެ. ކައުންސިލުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ދޯނީގައި ތިބި ތިން މީހަކު ވަނީ އެ މީހުން ނަގާފައިވާ ވެލި ބަސްތާތައް ކައުންސިލްގެ އެންގުމަށް އަނބުރާ ގޮނޑުދޮށަށް އޮއްސާލާފައެވެ. މިކަމާ ގުޅިގެން ކައުންސިލުން ބުނީ ފަޅު ރަށްރަށުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި، ރަށްތައް ހިމާޔަތްކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު ސަބާހު ވިދާޅުވީ، އެ ސަރަހައްދުގައި ކުރިން ތިން ފަޅު ރަށް އޮތް ނަމަވެސް، މެދުނުކެނޑި ވެލި ނެގުމުގެ ސަބަބުން އޭގެ ތެރެއިން އެއް ރަށް މިހާރު މުޅިން ނެތިގޮސްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ރަށްތަކަށް ވެސް މިފަދަ ނުރައްކާ އޮތުމުން، ކައުންސިލުން ދަނީ އެ ސަރަހައްދު ވަރަށް ގާތުން މޮނިޓާ ކުރަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަބާހު އިތުރަށް ވިދާޅުވީ، ވެލި ނެގުމަށް ހުއްދަ ދީފައިވާ ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވީ ނަމަވެސް، ގަވާއިދާ ހިލާފަށް ވެލި ނެގުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މުސްތަގުބަލުގެ ޖީލުތަކަށް މި ރަށްތައް ފޯރުކޮށްދިނުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، ކަމާބެހޭ އިދާރާއެއްގެ ހާއްސަ ހުއްދައެއް ނެތި ފަޅު ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމަކީ މަނާ ކަމެކެވެ. ނަމަވެސް، ރަށްރަށުގައި ކުރާ އެކި މަސައްކަތްތަކަށް ވެލި ބޭނުންވުމުން މިފަދަ އަމަލުތައް ހިންގުމަކީ އާންމުކޮށް ފާހަގަކުރެވޭ މައްސަލައެކެވެ.