ޣައްޒާގައި އޭނާގެ މިއުރަލްއެއް ކުރެހި ލަޔާން އަށް ސްޕެއިންގެ ބޮޑުވަޒީރު ޝުކުރު އަދާކުރައްވައިފި

Simple-OG (19)

ޣައްޒާގެ ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ މިއުރަލް ކުރެހި ފަލަސްތީނުގެ ކުޑަކުއްޖަކަށާއި އެ މަސައްކަތުގައި ބައިވެރިވި ފަންނާނުންނަށް ބޮޑުވަޒީރު ޝުކުރު އަދާކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ސްޕެއިންގެ ތާއީދު އޮތްކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

ލަޔާން ނަމަކަށް ކިޔާ ފަލަސްތީނުގެ އަންހެން ކުއްޖަކު އިސްވެ ހުރެ، ޣައްޒާގެ ހަލާކުވެފައިވާ އިމާރާތެއްގެ ފާރުގައި ކުރެހި މި މިއުރަލް ދައްކާލުމުން، އެކަމަށް އިޝާރާތްކުރައްވައި ސަންޗޭޒް ވިދާޅުވީ އެއީ ވަރަށް ރީތި އަދި އަސަރުކުރުވި ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ސްޕެއިނަށް ބަހައްޓާ ގާތްކަމަށްޓަކައި އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ބޮޑުވަޒީރުގެ މެސެޖުގައި ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބޮޑު ތަދާއި ވޭނުގެ ތެރެއިން ވެސް، މިފަދަ އޯގާތެރި މެސެޖެއް ފޮނުވުމަށް ވަގުތު ހޯދުމަކީ ބަލައިގަންނަ ކަމެއް ކަމަށެވެ. "ސްޕެއިންގެ މުޅި މުޖުތަމައު ތިޔަ ކުދިންގެ އަޑު އަހާ، ތިޔަ ކުދިން ދެކޭ، އަދި ތިޔަ ކުދިންގެ މަތިން ހަނދާން ނައްތައެއް ނުލާނެ،" ސަންޗޭޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ޣައްޒާގެ ކުޑަކުދިންނަށް ބިރުވެރިކަމެއް ނެތި އަލުން ސްކޫލްތަކަށް ގޮސް، ކުރެހުމުގެ ފުރުސަތު ލިބި، އަމާން މުސްތަގުބަލެއް ލިބުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. ސްޕެއިނަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ގައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ