މަސްވެރިކަމާއި ގުޅޭ

l_2020_04_12_113030_8jxirwmkushge63ctn417lp5voz2q9yfbda_EN_

މިއީ މަސްވެރިކަން ފަދަ ސިނާއަތްތައް ކުރިއަރުވަންވީ ވަޤުތު: މިނިސްޓަރ ފައްޔާޟް

ކޯވިޑް-19ގެ މި ޙާލަތަކީ އެއް ސިނާއަތަކަށް ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް މަސްވެރިކަންފަދަ ސިނާއަތްތައް ކުރިއަރުވަންވީ ވަގުތުކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ނުވާނެ ގޮތެއް ހަމަޖެއްސުމުގެ ވާހަކަ އަބަދުވެސް ދެކެވޭ ކަމަށާ ނަމަވެސް އެކަން ބަދަލު ކުރެވޭތަން މިހާތަނަށްވެސް ނުފެންނަ ކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މިހާރު ދިމާވެފައި މިވާ ޙާލަތަކީ މިކަން ބަދަލުކުރުމަށް ލިބިފައިވާ ރަނގަޅު ފުރުޞަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މި ޙާލަތުގައި މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ބަލައި އެކަން ކުރުން މުހިންމުކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. އެގޮތުން މިފްކޯގެ ކޭނިންގ ކެޕޭސިޓީ އިތުރުކުރުމާއި މަސް އެކްސްޕޯޓް ކުރުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު އިތުރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ކަންކަމަކީ ކުރިންވެސް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކެއް ނަމަވެސް މި ޙާލަތާއި ގުޅިގެން މިކަންކަން އިތުރަށް އަވަސްކުރަން ޖެހިފައިވާ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޙާލަތުގައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރުގެ ގޮތުގައި ސިފަކުރަމުން އައި ސިނާއަތެއް ނަމަވެސް ފަތުރުވެރިކަމަށް އައި ތަރައްޤީއާއިއެކު މަސްވެރިކަމަށް ދެމުންއައި ސަމާލުކަން ކުޑަވެ ޒުވާނުންގެ މެދުގައިވެސް މަސްވެރިކަމާމެދު ދެކޭ ގޮތް ވަނީ ބަދަލުވެފައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ މުހިންމުކަން މިވަނީ އެނގިގެން ގޮސްފައެވެ.

މަސްވެރިކަމަކީ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްކަން މިއަދު މިދަނީ ހާމަވަމުންނެވެ. މިއީ މިއަދު ޤައުމުގެ އިޤްތިޞާދު ކޮޅަށް ނެގުމުގައި މުހިންމު ދައުރެއް އަދާުރާނެ އެއް ސިނާއަތްކަން ޔަޤީނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!