މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ފަންނީ ސާވޭތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މި ސާވޭއަކީ އެ މަގުގެ ތާރުގަނޑަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށާއި، މަރާމާތުގެ މަސައްކަތް ކުރިއަށްގެންދާނެ އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން ބުނި ގޮތުގައި އަމީނީމަގުގެ ތާރުގަނޑު ކަފައިގެން ހަދަންޖެހޭ ސާވޭގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން، އަމީނީމަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ކުރީގެ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ތަރައްގީކުރި އަމީނީމަގުގެ ބޮޑު ބައެއްގައި ތާރުގަނޑު އުފުލުމާއި، ތާރު ކަނޑައިގެން ދިއުން ފަދަ ސީރިއަސް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ފެންވަރާ މެދު އޭރުވެސް އާންމުންގެ މެދުގައި ބޮޑެތި ޝަކުވާތަކެއް އުފެދުނެވެ.
ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް 2022 ވަނަ އަހަރު ފެށި އެ މަސައްކަތް އެއްކޮށް ނިންމާލެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް މަސައްކަތް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުގެ އެކި ސަރަހައްދުތައް ހަލާކުވާން ފެށުމުން، މިހާރުގެ ސަރުކާރުން ވަނީ އެ މަގު އަލުން މަރާމާތުކުރުމަށް ނިންމާފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން މަގުގެ ދިގުދެމިގެންދާނެ ހައްލެއް ހޯދުމުގެ މަގްސަދުގައެވެ.