ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުންތަކެއް ކުރިމަތިވާ ފަދަ ގިނަ ކަންތައްތަކެއް ސަރަހައްދީ ފެންވަރުގައާއި ގައުމުގެ އެތެރޭގައި ހިނގަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ޢިމާދުއްދީން" މަނަވަރު ކޮމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ކައިރީގައި ހިނގަމުންދާ މިފަދަ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާހިލީ ސަލާމަތަށް ވެސް ފޯރަމުންދާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ހަމައެކަނި ގައުމުގެ އެތެރެއަށް ސަމާލުކަން ދީގެން ތިބެވެން މިއަދު ނެތެވެ. ސަރަހައްދުން ބޭރުން ކުރިމަތިވާ ނުރައްކާތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އަސްކަރީ ތަސައްވުރުގެ ދަށުން، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ރާއްޖެ ދިފާއުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާކަން ހިލްމީ ފާހަގަކުރެއްވިއެވެ. މިގޮތުން، ތުރުކީވިލާތުގެ ޒަމާނީ ހަތިޔާރު އެކުލެވޭ މަނަވަރެއް ހިދުމަތަށް ނެރެފައިވާ ކަމަށާއި، "ސްޕެޝަލް ބޯޓު ސްކޮޑްރަން" އެއް ވެސް މިހާރު އުފައްދާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން ރާއްޖޭގެ އައްސޭރިފަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ "ވީ-އިންޓަރސެޕްޓް ކްރާފްޓް" ތަކެއް ސިފައިންނަށް ލިބޭނެ ކަމަށް ވެސް އިއުލާން ކުރެއްވިއެވެ.
ރޭ ރަސްމީކޮށް ހިދުމަތަށް ނެރުނު "ޢިމާދުއްދީން" މަނަވަރަކީ އޮސްޓްރޭލިއާގެ "އޮސްޓަލް ލިމިޓެޑް" އިން ބަނދެފައިވާ، އެންމެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ އުޅަނދެކެވެ. މި މަނަވަރު ރާއްޖެއަށް ގެނައުމަށްޓަކައި 3,000 ނޯޓިކަލް މޭލަށް ވުރެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާއިރު، މިއީ އެމްއެންޑީއެފްގެ ތާރީހުގައި ވެސް ދިވެހި ސިފައިން އަމިއްލައަށް އޮޕަރޭޓްކޮށްގެން ކުރި އެންމެ ދިގު ދަތުރެވެ. މި އުޅަނދާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.