ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެ، ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރަން ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދަނީ މި މަހުގެ 27 އިން ފެށިގެން އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެށީގެ ކަންކަމުގައި ގޮތް ނިންމާ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިއީ ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ބައިވެރިވުން ބައިނަލްއަގުވާމީ މައިދާނުގައި އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް މުރާޖައާކުރާ މަރުހަލާގައި، ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއަޅާނެއެވެ. އަދި ތިމާވެށީގެ ކަންކަން މޮނިޓާކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.
ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މައުލޫމާތުތަކަކީ ހުރިހާ ގައުމުތަކަށް ފަސޭހައިން ލިބޭނެ މައުލޫމާތުތަކަކަށް ހެދުމަށްވެސް ރާއްޖޭން މި ބައްދަލުވުމުގައި ގޮވާލާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މި ބައްދަލުވުމަކީ ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.