އިއާދަކުރުވަނިވި ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އިރީނާ) އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
މިވަގުތު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ޠާރިޤްގެ ނަންފުޅު ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވަވަމުން ރިޔާސަތުން ވަނީ މިކަން އިއުލާނުކުރައްވާފައެވެ.
ޠާރިޤް އިބްރާހީމަކީ ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން އޭނާ ވަނީ ކުރައްވާފައެވެ. އެއީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުގެ ގޮތުގައެވެ.
އިރީނާއަކީ 2009 ވަނަ އަހަރު އުފެއްދި، އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށާއި ދެމެހެއްޓެނެވި ތަރައްގީއަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ މުހިންމު އިދާރާއެކެވެ. ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން މި އިދާރާގައި ބައިވެރިވެއެވެ. މި އިދާރާގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުން އިތުރުކޮށް، އިގުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދައިދިނުމެވެ.