ފެނަކަ ކޯޕަރޭޝަނުގެ ވަޒީފާއިން އަމިއްލައަށް ވަކިވާން ހުށަހެޅި މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އެ ކުންފުނިން ބުނީ އުސޫލުގެ ދަށުން ވަކިވި މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދޫކޮށްފައިވާ ކަމަށެވެ.
ޖުމުލަ 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. މި ފުރުސަތުގެ ދަށުން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާ އެއްވަރުގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، 108 މުވައްޒަފަކު ވަނީ މި ފުރުސަތުގެ ބޭނުން ހިފައި ވަޒީފާއިން ވަކިވާން އެދިފައެވެ.
ބައެއް މީޑިއާތަކުގައި ފެނަކައިން މުވައްޒަފުންނަށް ފައިސާ ނުދޭ ކަމަށް ބުނެ ރިޕޯޓުކޮށްފައިވާތީ، އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، ރިޑަންޑެންސީ އުސޫލުގެ ދަށުން ވަކިވާން އެދޭ މުވައްޒަފުންނާއެކު ޚާއްސަ އެއްބަސްވުމެއް ގާއިމުކުރެވޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަތަރު މަހުގެ މުސާރައަށްވާ ފައިސާ މިހާރު ދޫކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
"މިކަމާ ގުޅިގެން، ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް،" ފެނަކައިގެ ބަޔާނުގައިވެއެވެ. އެ ކުންފުނިން ވަނީ އެއްވެސް މުވައްޒަފަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް ނުވަތަ އުސޫލުތަކާ ޚިލާފަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން އާންމުންނަށް އަރުވާފައެވެ.
ފެނަކައިން އިތުރަށް ބުނީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީންނާއި ޕީސީބީން ވަނީ އަންގާފައެވެ.