އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މިއުޒިކް ޝޯ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މިއަދު ދޮގުކޮށްފިއެވެ. އެ ވުޒާރާއިން ބުނީ ޝޯ ހުއްޓުވުމުގެ ބަދަލުގައި، އެދިފައިވަނީ އެ ހަރަކާތް ބާއްވާ ތަން އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށެވެ.
އުބާ އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވަން އުޅުނު މި ޝޯއަށް ސްޕޮންސަރުން ހޯދައި، ޓިކެޓު ވިއްކާފައި ވަނިކޮށް ސަރުކާރުން އެކަން ހުއްޓުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ ޝޯ ބާއްވަން ނިންމާފައިވާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލާއި ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް ކޮންމެހެން ކުރަންޖެހޭ ބޮޑެތި މަރާމާތުތަކެއް ހުރުމުން، އެތަން މިވަގުތު ބޭނުންކުރެވެން ނެތް ކަމަށެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޝޯ އިންތިޒާމުކުރާ ފަރާތަށް އެހެން ތަނެއް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ. ސަރުކާރުން އިންތިޒާމުކުރާ އެކްސްޕޯތަކާއި މިނިވަން ކާނިވަލް ފަދަ ހަރަކާތްތަކުގައި މިއުޒިކް ޝޯތައް ބާއްވަމުންދާއިރު، އަމިއްލަ ފަރާތަކުން ބާއްވާ ޝޯއެއް ހުއްޓުވުމުގެ ގަސްތެއް ސަރުކާރުގެ ނެތް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކްސްގައި ޝުއޫރު ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިފަދަ ޝޯތައް މަނާކޮށްގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު ޒުވާނުން ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ނިންމުމަކީ ހަމައެކަނި އިމާރާތުގެ ރައްކާތެރިކަމަށް ބަލައި ނިންމި ނިންމުމެކެވެ. އަދި ޝޯ ބޭއްވުމަށް އެހެން އެކަށީގެންވާ ތަނެއް ހޯދުމަށް އިންތިޒާމުކުރާ ފަރާތާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.