ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާ ބެހޭ އާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ބަޔޮސްފިއާ ރިޒާވް
ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ބަޔޮސްފިއާ ރިޒާވް

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" އުވާލައި، ޒަމާނީ އަދި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، ސިނާއީ މަސައްކަތްތައް، މަސްވެރިކަން، ދަނޑުވެރިކަން އަދި އިޖުތިމާއީ ބޭނުންތައް ހިމެނެއެވެ. ބިލުގައިވާ ގޮތުން، ވަކި ގޮތަކަށް ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، މިފަދަ ތަންތަން އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް އެކަށައަޅާ ރަށްތައް ފިޔަވައި، އެހެން ބޭނުންތަކަށް ރަށްތައް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ކައުންސިލަކުންނެވެ. ނަމަވެސް، ކައުންސިލެއްގެ އިހުތިސާސްގައިވާ ރަށެއް ފަތުރުވެރިކަމަށް ނުވަތަ ސިނާއީ ބޭނުމަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިނަމަ، އެ ރަށެއް އެ ކައުންސިލެއްގެ އިހުތިސާސުން ވަކިވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ އަހަރީ ކުލި ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސިނާއީ އަދި އިގްތިސާދީ ބޭނުންތަކަށް އަކަމީޓަރަކަށް 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް 2 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ގާނޫނާ ހިލާފުވާ ފަރާތްތައް 500,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މި ބިލުން ލިބިދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ