ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ. ދިޔާނާ މި މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ އެކަމަށްޓަކައި ބޭއްވި ދިރާސާ މަރުހަލާތަކަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިޔާނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިޔާނާއަކީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި ތައުލީމީ ޝަރުތު ފުރިހަމަވާ ބޭފުޅެކެވެ.
ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ދިޔާނާ ހުންނެވީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. އޭނާއަކީ މީގެ ކުރިން ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
މީގެ އިތުރުން ދިޔާނާ ސައީދަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، ގިނަ ދުވަސްތަކެއް ވަންދެން އެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.