ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައޫދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާއާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އިގްތިސާދާއި ހަކަތައިގެ ރައްކާތެރިކަމަށް ނުހަނު މުހިންމު ސަރަހައްދެކެވެ. އެހެންކަމުން، މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ދުނިޔޭގެ ބާޒާރުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ފުރުސަތު ބޮޑުކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ. މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ނުރައްކާތެރި އަމަލެއްގެ ގޮތުގައިވެސް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ އެހެނިހެން ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ކަމަށާއި، ސައޫދީގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅޭގޮތުން ހޫޘީން ބުނެފައިވަނީ، ސައޫދީގެ ތެޔޮ އުފުލާ ބޯޓަށް ބެލިސްޓިކް މިސައިލުން ހަމަލާދިނީ، ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭގޮތުން އެ ޖަމާއަތުން ނެރެފައިވާ ނިންމުންތަކާ އެ އުޅަނދުން ހިލާފުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ކަންކަމެއް ނޫނެވެ.