ރާއްޖެއާއި އޮސްޓްރޭލިއާގެ އިސްވެރިންގެ ތިންވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބޭއްވުނު އިސްވެރިންގެ ތިންވަނަ ބައްދަލުވުމުގެ ބައިވެރިން. ފޮޓޯ: މިނިސްޓްރީ
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބޭއްވުނު އިސްވެރިންގެ ތިންވަނަ ބައްދަލުވުމުގެ ބައިވެރިން. ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބޭއްވުނު އިސްވެރިންގެ ތިންވަނަ ބައްދަލުވުން (ސީނިއާ އޮފިޝަލްސް މީޓިންގ) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ރަސްމީ ޕާޓްނަޝިޕަކަށް ބަދަލުކުރުމަށް މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓަންޓް ސެކްރެޓަރީ ސާރާ ސްޓޯރީއެވެ. ބައްދަލުވުމުގައި ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ހާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ހާއްސަ ސަމާލުކަމެއް ދެވުނެވެ. މީގެ ތެރޭގައި ސައިބާ ސެކިއުރިޓީ، އޭވިއޭޝަން އަދި ޕޯޓް ސެކިއުރިޓީގެ އިތުރުން، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. އަދި އޮސްޓްރޭލިއާއިން ދާދިފަހުން ރާއްޖެއަށް ހަދިޔާކުރި "ސީ.ޖީ.އެސް އިމާދުއްދީން" ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކީ ދެ ގައުމުގެ ދިފާއީ ގުޅުން ރަމްޒުކޮށްދޭ މުހިންމު ވަސީލަތެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

އިގްތިސާދީ ގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށް މަޝްވަރާކުރެވުނު އިރު، މިދިޔަ މެއި މަހު މާލެއާއި މެލްބަންއާ ދެމެދު ފެށުނު ސީދާ ވައިގެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ދެ ފަރާތުންވެސް ގަބޫލުކުރެއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއިން "އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް" މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބައްދަލުވުން ނިންމާލަމުން، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދެ ގައުމުންވެސް ވަނީ އައު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ