ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހިންގާ މުހިންމު މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވާފައިވާ މަޝްރޫއަށް ތާއީދުކުރާ ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 616 މިލިއަން ރުފިޔާ) ދިނުމަށް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށް އިންފަންޓީނޯ ވަނީ ފީފާގެ މެންބަރު 211 ގައުމަށް ސިޓީއެއް ފޮނުއްވާފައެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ބޮޑެތި މުބާރާތްތައް ހިންގުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމެވެ. އަދި މި ކުންފުނީގެ ކުޑަ ހިއްސާއެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލައިގެން ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް ވަނީ ރޭވިފައެވެ. އިންފަންޓީނޯ ކަނޑައަޅުއްވާފައިވާ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. އެ ތާރީޚުގެ ކުރިން މި ހުށަހެޅުން ގަބޫލުކުރުމަށް ފުޓްބޯޅަ ފެޑަރޭޝަންތަކަށް ވަނީ އަންގާފައެވެ.
މި ހުށަހެޅުމަށް އެއްބަސްވާ ގައުމުތަކަށް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 20 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ކަމަށްވާ ޔޫރަޕް، އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި، މި މަޝްރޫއާ މެދު ހިތްހަމަނުޖެހިގެން ޔޫރަޕުގެ ބައެއް ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ މަޝްވަރާތައް ވެސް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފީފާގެ ބައެއް ނައިބު ރައީސުންނަށް ވެސް މި މަޝްރޫއުގެ ތަފްސީލުތައް ކުރިން ހިއްސާކޮށްފައި ނުވާތީ، ކަންކަން ނިންމުމުގައި ދެފުށް ފެންނަ އުސޫލެއް ގެންގުޅެފައި ނުވާ ކަމުގެ ތުހުމަތު އިންފަންޓީނޯއަށް ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، ފުޓްބޯޅައަށް ކުރިއެރުން ލިބޭނެ ފަދަ މާލީ ފުރުސަތުތައް މެންބަރު ގައުމުތަކަށް ހުށަހަޅުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.