އަންނަ އަހަރުގެ ނޮވެމްބަރަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އަންނަ އަހަރުގެ ނޮވެމްބަރަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޭޝަން ޗެޓް ޕޮޑްކާސްޓުގެ 3 ވަނަ އެޕިސޯޑުގައި. ފޮޓޯ: ރައީސް އޮފީސް

މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ތިލަފުއްޓަށް ބަދަލުކޮށް، އެތަން ފުރިހަމައަށް ހިންގަން ފެށޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް މިރޭ ފޮނުވި 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަނަވަސް ބަނދަރެކެވެ. ބަނދަރުގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތް ތަފްސީލުކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައެވެ.

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި، ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ދެމެދު މުދާ އުފުލުމުގައި 'ރޯ-ރޯ' ފެރީ ބޭނުންކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން މުދާ އުފުލާ އުޅަނދުތައް މާލޭގެ މަގުތަކަށް ނުނިކުމެ، މުދާ އުފުލުމުގެ ނިޒާމު ހަރުދަނާވެގެންދާނެއެވެ.

ތިލަފުށީގެ އާ ބަނދަރު ހިންގުމުގައި ބޭނުންކުރާނީ މުޅިން ޑިޖިޓަލް ކުރެވިފައިވާ ޕޯޓް އޮޕަރޭޝަންސް މެނޭޖްމަންޓް ސިސްޓަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ވިޔަފާރިތައް ގާއިމުކުރުމަށް އަމިއްލަ އިންވެސްޓަރުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މާލޭގެ ތަރައްގީއަށް ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން، މާލޭގެ ރިންގް ރޯޑް އަލުން ހެދުމުގެ މަސައްކަތް ނިމުމުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސްޕީޑްބޯޓް ޓާމިނަލްތަކުގައި އިތުރު ފިންގަރ ޖެޓީތައް ހަދައި، ފަސިންޖަރުން އަރާ ފޭބުމާއި އުޅަނދުތައް ކައިރިކުރުމުގައި ހުރި ދަތިތައް ހައްލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށްދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ރިންގް ރޯޑްގެ ފަހު ބައި ތަރައްގީކުރުމާ އެކުއެކީގައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބާ ގުޅޭގޮތުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށްވެސް ރައީސް ވަނީ މި ޕޮޑްކާސްޓްގައި ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމަކީ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން ހާރިޖީ ގުޅުންތަކުގެ ވާހަކަ ދެއްކެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތީޖާ ތަފާސްހިސާބުތަކުން ފެންނަން ހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ