ކެމްބޯޑިއާގެ މުދާ ވެލާނާ އެއަރޕޯޓު މެދުވެރިކޮށް ޔޫރަޕަށް: ސީ-ޓު-އެއަރ ޚިދުމަތް އިތުރަށް ފުޅާވެއްޖެ

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ކާމިޔާބުކަމާއެކު ހެންޑްލްކުރުން. ފޮޓޯ؛ އެމްއޭސީއެލް
ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ކާމިޔާބުކަމާއެކު ހެންޑްލްކުރުން. ފޮޓޯ؛ އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ނިޒާމު ނުވަތަ "ސީ-ޓު-އެއަރ" ޓްރާންސްޝިޕްމަންޓް ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާކޮށް، ކެމްބޯޑިއާގެ ފުރަތަމަ ޝިޕްމަންޓް ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކުރި ގޮތުގައި، ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ. މިއީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރެވޭނެ މުހިންމު ދައުރު ހާމަކޮށްދޭ ކަމެކެވެ.

މީގެ ކުރިން ވެލާނާ އެއަރޕޯޓު މެދުވެރިކޮށް މިފަދަ ޚިދުމަތްތައް އެންމެ ގިނައިން ހޯދަމުން އައީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކުންނެވެ. ނަމަވެސް ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ ރާއްޖޭގެ ކާގޯ ވިއުގަ އާ މާކެޓްތަކަށް ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށް އެމް.އޭ.ސީ.އެލް އިން ފާހަގަކުރެއެވެ.

ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ ޚަރަދު ކުޑަ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ އަވަސް ނިޒާމެކެވެ. އެހެންކަމުން މިއީ ވަގުތުން ވަގުތަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ އެކަށީގެންވާ އަދި އިތުބާރު ހުރި ހައްލެކެވެ.

މި ކުރިއެރުމާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ މަގާމު ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ