ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 10:45 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ނެރުނު މި ސަމާލުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން ނެރުނު ސަމާލެކެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އެގޮތުން ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، މި ވިއްސާރަ ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދެކުނުގެ އަތޮޅުތަކަށް އިރުމަތިންނާއި ދެކުނު ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ދެކުނު ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވާރޭ ވެހޭ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި ރައްޔިތުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އަންގާފައެވެ.