އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އިންސާނީ ވަގުފާރީގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ހުރިހާ ފަރާތްތަކަކުން ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. މިކަމުގައި ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ކުށްކުރާ ވިއުގަތަކުން ޒަމާނީ ފަންނިއްޔާތުގެ ބޭނުން ހިފައިގެން ހިންގާ ސްކޭމްތަކުގެ މަޅީގައި ގިނަ ބަޔަކު ޖައްސަމުންދާ ކަމަށެވެ. މިއީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މިފަދަ ކަންކަމުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުން މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ޙާލަތްތައް މެދުވެރިވާކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެގޮތުން، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" އާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤައުމީ އެކްޝަން ޕްލޭންގެ ދަށުން ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރ" އާއި "މައިގްރެންޓް ކަނެކްޓް ޕޯޓަލް" ޤާއިމުކޮށްފައިވާކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029" އަކީ މި ނުރައްކާތެރި ކުށާ ދެކޮޅަށް މަސައްކަތްކުރުމަށް ލިބުނު ސާފު މަގުޗާޓެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ، ޢަދުލުއިންޞާފު ޤާއިމުވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެހާ މުއައްސަސާތަކުން ޢަޒުމް އާކުރުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ