ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރުފަހު 12:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
މިއަދު ހެނދުނު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. މިއީ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން ނެރެފައިވާ އިންޒާރުތަކެކެވެ. ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭވެހި، ވައިގަދަވެފައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ހޮނިހިރު ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރަށްތަކުގައި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.